ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދޭން ހައިކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ދިފާޢީ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.

ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރޭ ވިދާޅުވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް އަންނަ ހަފްތާގައި ހައިކޯޓުގައި އިސްތިޢުނާފް ކުރަށްވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ ހައިކޯޓަށް ހުށައެޅުމުގެ ކުރިން ވަރަށްބޮޑަށް ދިރާސާކުރަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“މި ފެށޭ ހަފްތާގެ ތެރޭގައި އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލުކުރަން.” ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދިނުމަށް ހައިކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވުމުން ހައިކޯޓުން އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، ރައީސް ޔާމިން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްޗަށް އައި ހުކުމާއެކު އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ގާނޫނީ ހުރަހެއް ކުރިމަތިވެފައެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު މިނިވަންވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަކީލުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު