ރައީސް ނަޝީދު އިސްވެ “އާއެމްޑީޕީ” އުފެއްދެވުމަށް މި ސަރުކާރުގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ގޮވާލައްވައިފިއެވެ.

ކުރީގެ މިނިސްޓަރ މަލީޙް މިއަދު ވިދާޅުވީ އެމްޑީޕީގެ އަސްލު މިހާރު ގެއްލިފައިވާ ކަމަށާއި އެހެންކަމުން މިއީ ރައީސް ނަޝީދު އިސްވެ އައު ސިޔާސީ ޕާޓީއެއް އުފައްދަންވީ ވަގުތުކަމަށެވެ.

ސިޔާސީ ކަންތައްތަކުގައި ރައީސް ނަޝީދަށް އަބަދުވެސް ފާޑު ވިދާޅުވާ މަލީޙް މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު މަލީޙް މިވަގުތު ހުންނެވީ އިދިކޮޅު ޕީޕީއެމްގެ އިސް މެންބަރެއްގެ ގޮތުގައެވެ. އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވެރިކަމަށް ގެންއުމަށް މަލީޙް ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރަށްވަމުންނެވެ.

ރައީސް ނަޝީދު އައުސިޔާސީ ޕާޓީއެއް އުފައްދަން ޖެހޭ ސަބަބެއްކަމަށް މަލީޙް ވިދާޅުވެފައިވަނީ އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވީ ކުރިން ޑީއާރުޕީގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށް ތުހުމަތު ކުރަށްވަމުންނެވެ.

“އެމްޑީޕީއެއް މިހާރަކު ވުޖޫދުގަނެތް. އެއީ ފަހުގެ ތާރީޚުގެ މުތަޤައްދިމް ޕާޓީ. ޑީއާރުޕީން އެމްޑީޕީ ދިރުވާލައިފި.” މަލީޙް ވިދާޅުވެފައިވެއެވެ.

ކުއްލިއަކަށް މަލީޙުގެ ރާގު ބަދަލުކުރަށްވައި ރައީސް ނަޝީދަށް ޙަމްދަރުދީ އޮތްކަން ފާޅުކޮށްފައިވާއިރު ރައީސް ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމުން ކެމްޕޭން ކުރަމުން ގެންދާކަމަށް ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރައީސް ޞާލިޙާއި ރައީސް ނަޝީދުވެސް ގެންދަވަނީ ފޯރިގަދަ ކެމްޕޭން އިވެންޓްތަކެއް ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު