“ފިކުރު ދިރުވައިގެން” ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ މެންބަރު ސަޢުދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެޕާޓީގައި ނުހިމެނޭ ފަރާތްތަކުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާކަމަށް ކެމްޕޭން ޓީމްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި ސަޢުދު ވިދާޅުވީ ރައީސް ޞާލިޙުގެ މިދައުރުގައި ދިވެހި ގައުމު މިދެކޭ ހަމަޖެހުމާއި ތަރައްޤީ އަކީ ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބު ކަމަށެވެ. އޭގެ އިތުރުން ރައީސް ނަޝީދަށް ނިސްބަތްކުރަށްވައި ސަޢުދު ވިދާޅުވީ ފިކުރު ދިރުވައިގެން ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ. “ފިކުރެއްގެ ދިރުމަކީ” ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބޭނުންކުރަށްވާ ސްލޯގަން އެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

“މިމަހު 28ގައި ވޯޓުން އެގިގެން ދާނެ ފިކުރެއް ތޯ ދިރުވަންވީ ނުވަތަ ހެޔޮވެރިކަމަކަށް އިތުރުފުރުސަތު ދޭންވީތޯ.” ސަޢުދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމުން އެހީތެރިވާކަމަށް ރައީސް ޞާލިޙްގެ އަރިސް ބޭފުޅުންވަނީ ތުހުމަތު ކުރަށްވާފައެވެ. އަދި ރައީސް ޞާލިޙްގެ ކެމްޕޭނަށް ސަރުކާރު ކޯލިޝަންގެ ބައެއް ޕާޓީތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ތުހުމަތު ކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު