ރައީސް މުހައްމަދު ނަޝީދަށް މައްސަލައަކަށްވަނީ ރައީސް ޞާލިޙް ޕަޕެޓެއްހެން ވެރިކަން ނުކުރެއްވުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ޞާލިޙް ރޭ ބޭއްވެވި ޖަލްސާގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ ރައީސް ނަޝީދަށް ދިމާވެގެން އުޅޭ މައްސަލައަކީ ރާއްޖޭގެ ކުޑަރަށެއްގެ ބޭފުޅަކު އައިސް ރާއްޖޭގެ ވެރިކަން ކުރުންކަމަށެވެ. އަދި ރައީސް ޞާލިޙަކީ އުންމީދުކުރެއްވިފަދަ ޕަޕެޓަކަށް ނުވުމަކީވެސް މައްސަލައެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ދުނިޔޭގައި އުޅޭއިރު އެމީހަކު އެންމެ ބޭނުންވާ އެންމެ ހިތްއެދޭ ކަންތައް ނުވެ ހުންނާނެކަން ގަބޫލުކުރަން ޖެހޭކަމަށެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރަށްވާނެ ކަމަށް ނުވަތަ ގޮސް އޮންނާނީ ގޭގައިކަމަށް ބުނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

“މައްސަލައަކީ ރާއްޖެތެރޭ ރަށެއްގެ ބޭފުޅަކު ވެރިކަން ކުރައްވާތީ، މާލޭ މީހުން އެކަންޏެއް ނޫން ވެރިން ކުރަން ޖެހޭނީ.” މަޙްލޫފް ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި މަޙްލޫފް ވިދާޅުވީ، ވެރިކަން ރައީސް ޞާލިހަށް ދިނީވެސް ތިމަންނާ ކަމަށާއި ވެރިކަމުން ބާލާނީވެސް ތިމަންނާ ކަމަށް ރައީސް ނަޝީދަށް ވިސްނިފައި އޮތުމަކީވެސް މައްސަލައެއް ކަމަށެވެ. އޭގެ އިތުރުން ސަރުކާރަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުއްވަމުން ރައީސް ނަޝީދު ގެންދަވާކަމީ ހިތާމަ ކުރަށްވާ ކަމެއްކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ މިސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގާކަމަށް ބުނި ނަމަވެސް ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް އައި ތަރައްޤީވެސް ކުރީގެ ސަރުކާރުތަކާ ނުބައްދަލު ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓެއް އަޅާލި އެއްވެސް ސަރުކާރެއް މި ނޫނީ ނޯންނާނެ ކަމަށް ޖޯޝުގައި ވާހަކަ ދައްކަވަމުން މަޙްލޫފް ވިދާޅުވިއެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު