އައްޑޫގައި އަލަށް ހިއްކާބިން ބޭނުންކުރަންވާނީ ހެޔޮގޮތުގައި ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް މި ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހެނދުނު ފަށާފައިވާއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާތީ މެންބަރު ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ބިންހިއްކުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ އައްޑޫ ރައްޔިތުން އޯކޭވެގެން ތިބޭނެ ކަންތައްތައް ނޫން ކަމަށެވެ. އޭގެ އިތުރުން އައްޑޫގެ ބިން ހިއްކި ނަމަވެސް އެބިމުގެ ބޭނުން ހިފަންވާނީ ހެޔޮގޮތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ލަފާކުރާ ގޮތުގައި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެއެވެ. ހަމައެއާއެކު އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ ހާހެއްހާ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައެވެ.

“ބިން ހިއްކުނަސް އަދި އެހިސާބުން ނުނިމޭ. ހެޔޮ ގޮތުގައި އެތަން ބޭނުންކުރެވޭނެގޮތް ވާންޖެހޭ.” ޝަރީފް ވިދާޅުވިއެވެ.



އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފެށީ އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން