ރައީސް ނަޝީދު ދައްކާ ދަޅައިގައި ޖެހިއްޖެނަމަ ފަހުން ހިތާމަކުރަން ޖެހޭނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި މެންބަރު ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ ވެނެޒިއުލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒް ދެއްކެވިފަދަ ސިޔާސީގޮތުން މަގުބޫލުކަން ހޯއްދެވުމުގެ ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް ޗާވޭޒްގެ ވާހަކަތަކުގެ ދަޅައިގައިޖެހި ވެނެޒިއުލާ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓުނުކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެޙާލަތު ރާއްޖެއަށް ކުރިމަތިވުމަކީ އެއްވެސް ދިވެއްސަކު އެދޭގޮތް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ދައްކާ ދަޅައިގައި ވިސްނުމެއް ނެތި ޖެހިއްޖެ ނަމަ، މުޅި އުމުރަށްވެސް ހިތާމަކުރަން ޖެހިދާނެކަމަށެވެ.

"ހައްދެއްނެތި ސަބްސިޑީދިނީމަ ވާގޮތް އެއޮތީ ލަންކާއިން ފެންނަން. އެއޮތް ތަނަވަސް ޤައުމަށް ވީގޮތް ދެކެވަޑައިގަންނަވާ." ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި މިއަދު ރައީސް ޞާލިޙު އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ ޝަރީފް ވިދާޅުވީ އައްޑޫގެ ބޮޑުމަންޒަރު މިއަދު ފެންނާނެ ކަމަށެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު