އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ހައިޖެކް ކުރުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނުދޭނެކަމަށް އިންތިހާބު އިންތިޒާމު ކުރަން ނަގާފައިވާ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭ ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ އިންތިޚާބުގެ ސައްޙަކަމާއި، އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާންވާނެކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިން ޓީމަށް ޤަބޫލުކުރެވޭ ނުކުތާތަކެއް ކަމަށް އިބުރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ސިޓީގައި ހިމެނޭ ބައެއް ކަންކަމަކީ ޕާޓީން މިހާރުވެސް ތަންފީޒު ކުރަމުންދާ ކަންކަން ކަމަށެވެ. އަދި ޕާޓީގެ ޤަވާއިދުތަކުގެ ތެރެއިން އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް އިންތިޚާބު ބޭއްވުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް އިންތިޚާބު ހައިޖެކް ކުރުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނުދޭނެކަމަށް އިބްރޭ ވިދާޅުވިއެވެ.

ޕްރައިމަރީ އިންތިޚާބަށް 555 ޝަކުވާ މިހާތަނަށް ލިބިފައިވާއިރު، އެ ހުރިހާ ޝަކުވާއަކަށްވެސް އެޓެންޑު ވެވިފައިވާކަމަށް އިބްރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙް ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު