ރައީސް ސޯލިހް ކަމާބެހޭ މުވައްސަސާ ތަކާއި މިއަދު ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ކަމާބެހޭ މުވައްސަސާ ތަކާއި މިއަދު ބައްދަލުކުރައްވަނީ
އަންނަ ޖުލައި މަހުގެ 15ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އަންނަ މަހުގެ 15ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާކުރައްވައި، އަދި އެ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އެގޮތުން ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާބެހޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އަދި ކޯވިޑް-19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިންނާއި، ފަސިންޖަރުންގެ ސަލާމަތަށް އެއަރޕޯޓްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކޯވިޑް-19 ސްކްރީންކުރުމުގެ ކަންކަން އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށްގެންދާނެ ގޮތްތަކާއި، މިކަންކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމާއި، ކޯވިޑްއަށްފަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ކަންކަމުގައި ޢަމަލުކުރާނެ ގޮތްތަކާބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނޭ ކަމަށެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ޞިއްޙީ މާހިރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، އެއަރޕޯޓްތަކާއި އަދި އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން