އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުޑަތަފާތަކުން ނާކާމިޔާބު ވެފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބަލި ޤަބޫލުކުރަށްވައިފިއެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙާއެކު ގޮސް 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ޞާލިޙަށް ލިބުނު ވޯޓް ވަރަށް ބޮޑުތަނުން މަދުވާނެ ކަމަށެވެ.

"އެހެނަސް އަޅުގަނޑު ލަފާކުރަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ޕާޓީގައި ގޮފިތަކެއް ހެދުމަށް ހުށައަޅުއްވާފައެވެ. އޭގެ އިތުރުން އެބޭފުޅުންނާއެކު ނިކުމެ ރިޔާސީ އިންތިޚާބުގައި "ފިކުރެއްގެ ދިރުމުގެ" ޓީމުން ތާޢީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވެއެވެ.

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެއީ ޕާލިމެންޓްރީ ނިޒާމަށް ދިވެހިރާއްޖެ ބަދަލު ކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމަށް ފަސޭހަވާނެ ގޮތެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބޭއްވި އިންތިހާބުގައި ރައީސް ސާލިހަށް 24566 ވޯޓު ލިބިފައިވެއެވެ. މިއީ ވޯޓުލީ މީހުންގެ 61.10 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15641 ވޯޓެވެ. އެއީ ވޯޓުލީ މީހުން 38.90 އިންސައްތައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހޮނިހިރު ދުވަހު 40887 މީހުން ވޯޓުލާފައިވެއެވެ.

މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57255 މެންބަރުން ތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު