ޕާޓީގެ އުސޫލާ ގަވާއިދު ބަދަލު ނުކުރެވޭނެކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ފައްޔާޒް މިމޭރުމުން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ގޮސް 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ނަޝީދަށް ރައްދު ދެއްވަމުން ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވީ ރިޔާސީ ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓްކަން އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ފައްޔާޒް މިއަދު ވަނީ ރައީސް ނަޝީދު މިއަދު ހުށައެޅުއްވި ގޮތަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި، އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ޕާޓީގައި ގޮފިތަކެއް ހެދުމަކީ ކުރެވިދާނެކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއީ ޕާޓީގެ އުސޫލުތައް ތަންދޭކަމެއް ނޫންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުނުކޮށް ތިގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އެމްޑީޕީއާމެދު އެފަދަ ގޮތަކަށް ޢަމަލު ނުކުރެއްވުމަށާއި، ރައީސް ނަޝީދު މިއަދު ހުށައެޅުއްވި ކަންތައްތަކާމެދު އަލުން ވިސްނާވަޑައިގަތުމަށްވެސް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި "ފިކުރެއްގެ ދިރުމުގެ" ޓީމުން ތާޢީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު