ރައީސް ސޯލިހް ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަނީ: އެގައުމުން ވަނީ ރާއްޖެ އަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފަ
ރައީސް ސޯލިހް ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަނީ: އެގައުމުން ވަނީ ރާއްޖެ އަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފަ
ސައުދީ ސަރުކާރުން ރާއްޖެއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި އެގައުމުން ސޮއިކޮށް، ރާއްޖެއިން ސޮއިކުރުމަށް ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވިދާޅުވީ ސައޫދީ ސަރުކާރުގެ ލޯނު އެއްބަސްވުމުގައި އެގައުމުން ސޮއިކޮށް އިއްޔެ ފޮނުވާފައިވާ ކަމަށާއި، ރާއްޖެއިން އެއްބަސްވުމުގައި ސޮއިކުރުމުން އެ ލޯނުގެ ފައިސާ ލިބޭނެ ކަމަށެވެ. ސައޫދީ ސަރުކާރުން ރާއްޖެ އަށް ދޭ 50 މިލިއަން ޑޮލަރު ޚަރަދުކުރާނީ މަސްވެރިކަމުގެ ދާއިރާ އާއި ހައުސިންގެ ދާއިރާ ކުރިއެރުވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސައޫދީ ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރައްވާފަ އިއްޔެ އެބައޮތް ލިޔުން ފޮނުއްވާފަ، ދެން އަޅުގަނޑު އެއްބަސްވުމުގައި ސޮއިކޮށްފަ ސައޫދީ ސަރުކާރަށް ފޮނުވީމަ 50 މިލިއަން ޑޮލަރު ބޯހިޔާވަހި ކަމަށާއި، މަސްވެރިކަމަށް ޚަރަދުކުރަން ފަށައިގަނެވޭނެ." ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އިސްލާމިކް ސޮލިޑަރިޓީ ފަންޑުން 5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް އިއްޔެ ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމަށް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭރު ގައުމުތަކުން މެދުނުކެނޑި އެހީތައް ފޯރުކޮށްދެމުންދާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ލޯނު އެހީ އާއި ހިލޭ އެހީ ރާއްޖެ އަށް ލިބެމުންދަނީ އެއްވެސް ގައުމަކާއި ދިމާއަށް އެއްޗެހި ނުގޮވާ، ހުރިހާ ގައުމަކާއި ވެސް ވާހަކަ ދައްްކައިގެން ރީތިކޮށް ރާއްޖެ އިން ކަންތައްތައް ކުރާތީ ކަމަށެވެ.

"ތަހުޒީބީ މުޖުތަމައެއްގައި ގައުމެއްގެ ސިޔާސަތު އޮންނަންޖެހޭ ގޮތަށް އޮތީމަ." މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ސޯލިހު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތުގެ ދަށުން މިހާރު ރާއްޖެއަކީ ހުރިހާ ގައުމަކާއި ވެސް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތް ގައުމެއްކަން ގައުމުތަކުން ގަބޫލުކުރާ ކަމަށެވެ.

"ބޭރުގައުމުތަކުގެ ވެރިންނާއި މަންދޫބުންނާއި ސަފީރުންނާއި ބައްދަލުކުރާއިރު އަޅުގަނޑުމެން ތިބޭނީ ވަރަށް ފަޚުރުވެރިކަމާއެކު، ދިވެހި ދިދައިގެ ދަށުގައި މިނިވަން ގައުމެއްގެ ގޮތުގައި އޮންނާނީ. އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ ބޭރު ގައުމުތަކުގެ ވަފުދުތަކާއި ބައްދަލުކުރާއިރު، ބިރެެއް ނުގަންނާނެ ބޭރު މީހުންނާ ވާހަކަ ދައްކާކަށް. ބޭރުމީހުންނާ އެކު އެއް މޭޒެއްގެ ދޮށުގައި ތިބޭކަށް ވެސް." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން