އެމްޑީޕީގެ އެތެރޭގައި ފިކުރީ ގޮފި އުފެއްދުން އެޕާޓީގެ އަސާސީ ޤަވައިދުގައި ހުއްދަކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަޙީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބުރޭ ވިދާޅުވީ، ވަކި ފިކުރެއް ކުރިއެރުވުމަށް ގޮފި އުފައްދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ޕާޓީގެ އެއްވެސް މެމްބަރަކަށް ޕާޓީގެ އަސާސީ ގަވާއިދުން ބަންދުވެފައި ނުވާކަމަށެވެ.

ވަޙީދު މިއަދު ވިދާޅުވީ ފިކުރީ ގޮފިތައް އުފެއްދުން ޕާޓީގެ އަސާސީ ޤަވާއިދުގައި ހުއްދަކޮށްފައިވީ ނަމަވެސް އެފަދަ ގޮފިތައް ހިންގާގޮތް ޕާޓީގެ ސެކްރެޓޭރިއަޓުން ބަލާނެ ކަމަށެވެ. މީގެ އިތުރުންވެސް "ފިކުރެއްގެ ދިރުން" ގޮފި ރަޖިސްޓްރީ ކޮށްފައިވަނީ ގ. ކެނެރީގޭގައި ކަމަށްވާތީ އެކަމާގުޅޭގޮތުން ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ ގޮފިތައް ކޮންމެ އެޑްރެހެއްގައިވެސް ރަޖިސްޓްރީ ކުރެއްވިދާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމާނީ ފަހުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އިބުރޭ ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓު ބަދަލުކޮށް ޕާރޓީ ބައިބައިކޮށް ރޫޅައިލައްވަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ކުރިމަތިވި ނާކާމިޔާބަށްފަހު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވަން ނިންމަވައި އެކަމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އުފެއްދީވެސް މީހަކު ޖާގަ ދީގެން ނޫން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ތެރޭގައި "ފިކުރުގެ ދިރުން" ގޮފިތަކުގެ މަސައްކަތް ހުއްޓަވާނުލައްވާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެ އިތުރުން ގޮފިތަކުގެ މެންބަރުންގެ ޖުމްލަ ޢަދަދު 50،000 އަށް އެރުވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކޮށްފައިވާއިރު، 24،566 ވޯޓާއެކު ރައީސް ޞާލިޙް ވަނީ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. އެ ޓިކެޓް މި މަސް ނިމުމުގެކުރިން އެމަނިކުފާނަށް އަރުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އިންތިހާބުން ނާކާމިޔާބުވި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު