މުޒާހަރާކޮށްގެން ރައީސް ޔާމީން ޖަލުޙުކުމުން މިންޖުނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ވަނީ “ބުންވަރު”ގެ ނަމުގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.

އެކަމާގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ މުޒާހަރާކޮށް ހިނގާލުން ބާއްވައިގެން ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ ޝަރުޢީ މަރުހަލާގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެންމެ ބުއްދިވެރިގޮތަކަށް ވާނީ ކޯޓުތަކުގެ ތެރެއިން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުކޮށްދިނުންކަމަށް ޝަރީފް ވިދާޅުވިއެވެ.

“ހިނގާލުން ބާއްވައިގެން މުޒާހަރާކޮށްގެން ޖަލު ޙުކުމެއް ތަންފީޒުކުރާ ފަރާތެއް މިންޖުވެދާނެ ކަމަށް ބެލުމަކީ ވަރަށް ހެއްވާ ކަމެއް.” ޝަރީފް ވިދާޅުވެފައިވެއެވެ.



ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރަން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް “އުއްމީދާއެކު”ގެ ނަމުގައި ޕީޕީއެމުން ދަނީ ކޮންފަރެންސެއް ބާއްވަމުންނެވެ.

މި ކޮންފަރެންސްގައި ހާހެއްހާ މަންދޫބުން ބައިވެރިވަމުންދާއިރު ރައީސް ޔާމީން މިނިވަން ކުރުމަށް ޝަރުޢީ މަރުޙަލާގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ޝަކުވާ ޕީޕީއެމްގެ ޢާއްމު މެންބަރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު