ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ޤަދަރުވެރި ދިވެހި ރައްޔިތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ދިވެހިރައްޔިތެއް ކަމަށެވެ.

އެގޮތުން ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ސަރުކާރުން އަދާކުރަންޖެހޭ ހައްޤުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ހިދުމަތުގައި، ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ޤަދަރުވެރި ދިވެހި ރައްޔިތެއް ކަމަށެވެ. އަދި ޤައުމުގައި އަމާންކަން ޤާއިމު ކުރެވޭނީ އަޑު އެހުމާއި މަޝްވަރާ ކުރުން އިސްކޮށްގެން ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

“ފާއިތުވި ހަތަރު އަހަރަކީ، މީގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ، މި ދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތްތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް.” ރައީސް މިއަދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ދިވެހި ދިދައިގެ ހިޔާވަހިކަމުގައި ނެތް ތަފާތެއް ސަރުކާރަށް ރައްޔިތުންނާމެދު ނުގެންގުޅެވޭނެ ކަމަށާއި މި ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންވެސް ވާނީ ހަމަހަމަ ކަމަށެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން