ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިދިޔަ އަހަރަކީ ފަތުރުވެރިކަމަށް ފާގަތި އަހަރެއް ކަމަށެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިންނަށްވުރެ ގިނަ މީހުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16،759 އެނދު އިތުރުވެއްޖެ ކަމަށާއި އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ނިމުމުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓުނުކަން ފާހަގަކުރަށްވަމުން ރައީސް މިއަދު ވިދާޅުވީ ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިލި އެންމެ ބޮޑު އިގުތިސާދީ ގޮންޖެހުންތައް ތަހައްމަލް ކުރަން ޖެހުނު ތިން އަހަރު ކަމަށެވެ. ނަމަވެސް އެގޮންޖެހުންތަކުން މިހާރު އަރައިގަނެފައިވާ ކަމަށާއި މިދިޔަ މަހު ދައުލަތަށް 3.5 ބިލިއަން ރުފިޔާގެ ޢާމްދަނީ ލިބިފައިވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން