ސަރުކާރުން އަމާޒު ހިފާފައި ވަނީ ގުޅުންބޮޑު، ދިރުންހުރި، އެތެރޭގެ އިޤްތިޞާދެއް އުފެއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގެ އެތެރޭގައި ގުޅުންބޮޑު، ދިރުންހުރި އިޤުތިޞާދެއް އުފެއްދުމަށް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ. އަދި ހުސްވި ޖެނުއަރީ މަހަކީ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޖެނުއަރީ މަހު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.



ރައީސް މިއަދު ވިދާޅުވީ ކަރަންޓާއި، ބަނދަރާއި، މަގުހެދުމާއި، ފެނާ ނަރުދަމާގެ ޚިދުމަތާއި، އާރް.ޓީ.އެލް ފެރީގެ ނިޒާމަކީ މުޅި ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ ކަމަށެވެ. އަދި، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރެވިގެންދާއިރު އެރަށް ރަށުގެ އިޤްތިޞާދު ފުޅާވަމުން ބިމުގެ އަގު އުފެލުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ދަތުރުފަތުރުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އާރް.ޓީ.އެލް ގެ ޚިދުމަތުން މުޅި ރާއްޖެ ގުޅައިލުން ކަމަށެވެ. ހަމައެއާއެކު ޑޮމެސްޓިކް އެއަރޕޯރޓްތައް ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ފަރެސްމާތޮޑާ އެއަރޕޯރޓް އަންނަމަހު ހުޅުވޭނެ ކަމަށާއި، ފ. މަގޫދޫ އަދި، މ. މުލީ އެއަރޕޯރޓްގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، އިންޓަރނޭޝަލް އެއަރޕޯރޓްތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާއިރު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިމަހު ޙަވާލު ކުރެވޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ މައި ޞިނާޢަތްތަކުގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މިދައުރުގެ ތެރޭގައި 16،758 އެނދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރަކީ މަސްވެރިކަމުގެ ތާރީޚުގައި މިފްކޯއިން އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރު ކަމަށާއި، އެކުންފުނިން މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް އެކަށޭނަ އަގެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި އެކުގައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ، ވިލާތުގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން