ރިޔާސީ ބަޔާނަށް ޖަވާބުދާރީނުވާނެކަމުގެ އިޝާރާތެއް އިދިކޮޅު ކޯލިޝަނުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލީހުގެ މެންބަރުން ދެން އެންމެގިނަ ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދޭން ޖެހޭނެ ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމަށް އިދިކޮޅު މެންބަރުން ހުރަސްއަޅުއްވަން މަސައްކަތް ކުރެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ބައެއް މެންބަރެއްގެ ނަން އިއްވާ، އެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަށްވާފައެވެ.

އެކަމާ ގުޅިގެން މިއަދު އިދިކޮޅު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކޯލިޝަންގެ އެއްވެސް މެންބަރަކަށް މަޖިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދީ، ރިޔާސީ ބަޔާން އިއްވުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި ޢަމަލެއް ކަމަށެވެ. އަދި އެކަން ބަލައިނުގަންނަކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭނާގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވާފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާއާއި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނާއި މެންބަރު އާދަމް ޝަރީފް މަޖިލީހުގެ ތަޅުމަށް ވަނުމަށް މަޖިލީހުގެ ސެކިއުރިޓީން ހުރަސްއެޅުއްވި ކަމަށް ސަލީމް ވިދާޅުވިއެވެ.

“އަޅުގަނޑު މައިނޯރިޓީ ލީޑަރު އަދި ޕާލިމަންޓަރީ ގްރޫޕުގެ ދެ ލީޑަރުން ތިއްބާ އަޅުގަނޑުމެން ދެމީހުން ނުވައްދާ އެ ބަޔާން އިއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ.” ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ ރައީސް ޞާލިހް ދެއްވި ރިޔާސީ ބަޔާން އަޑުއެހުމަށްވެސް އަދި ޖަވާބުދާރީ ވުމަށްވެސް ބޭނުންނުވާ ކަމަށެވެ. އަދި ރައީސް މިއަދު އިއްވެވީ އިދިކޮޅު ފަރާތްތަކުން ބަލައިގަންނަ ބަޔާނެއް ނޫންކަމަށް އަދުރޭ މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގެ 32 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭން ވާނެ ކަމަށެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން