ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް މިމަހުގެ ސައުވީހުން ފަންސަވީހަށް ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ، އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ މިހާރު ކުރިއަށްދާ އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމަށް ޙާޟިރުވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާނެކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުން އެޕާޓީގައި ފެށުނީއްސުރެ އޮންނަ ލީޑަރުގެ މަޤާމު އުވާލާނެއެވެ.

އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ޖޭޕީން ކަނޑައަޅާގޮތެއްވެސް ނިންމާނީ ޤައުމީ ކޮންފަރެންސްގައި އެކުލަވާލާ އެޕާޓީގެ އައު ކައުންސިލުންނެވެ.

ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓްރިއަރިން ކޮމެޓީއެއް މިހާރުވަނީ އުފައްދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޮޑު ސިޔާސީ ޕާޓީއެެެވެ.



ކިޔުންތެރިންގެ ހިޔާލު