ރާއްޖޭގައި 99 އަހަރަށް ބިންވިއްކަން ހުއްދަކުރީ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދުގެ ވަޒީރުކަމުގައި ކަމަށް ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، މެމްބަރު ސަޢީދަށް ރައްދު ދެއްވައިފިއެވެ.

ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ސަޢީދު މިއަދު ވިދާޅުވީ، ސިނާއީ ބޭނުމަށް ތިލަފުށި ފޭސް ދޭކުން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލުގައި ހިމަނާފައިވާ ބޭރުގެ ފަރާތްތަކަށް 99 އަހަރުގެ މުއްދަތަކަށް ބިން ވިއްކުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖެއަކީ ބިންމަދު ގައުމެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިތަކަށް މިހާރުވެސް ބިމުގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ބިން ވިއްކަން ހުޅުވާލުމުގެ ފަހަތުގައި ވަނީ ފްރޯޑް ބައެއް ކުންފުނިތައް ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ބިދޭސީންނަށް ބިން ވިއްކާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މެމްބަރު ސައީދު ވިދާޅުވީ، ތިލަފުށީގައި ބިން ވިއްކަނީ އަކަފޫޓެއް 1700 ރުފިޔާއަށް ކަމަށެވެ.

ސަޢީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ބިން 99 އަހަރަށް ބިދޭސީންނަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ސަޢީދުވެސް ހިމެނޭ ސަރުކާރަކުން ކަމަށެވެ. އޭރު ސަޢީދު ހުންނެވީ އިޤްތިޞާދީ ވަޒީރުކަމުގެ މަޤާމުގައި ކަމަށާއި ދެން އެނބުރި ފަހަތަށް ނުދެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ވަޒީރުކަން ކުރެއްވި ބޭފުޅަކު ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގައިއޮތް މިނިވަން ވިޔަފާރިއަށް ހުރަސްއެޅޭގޮތަށް ވާހަކަފުޅު ދައްކަވަނީ ލަދުޙަޔާތް ނެތުމުން ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް މަރުޙަބާ ނުކިޔައި ޤައުމު ސުންނާފަތި ކުރުމަށް ހިތްވަރުލިބޭގޮތަށް ސަޢީދަށްވެސް ވާހަކަފުޅު ނުދެއްކެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ވެރިކަމުގެ ދަހިވެތިކަމުގައި ސަޢީދު ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދެއްކުމަށް އެކަށީގެންވާ ވާހަކަފުޅެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ ރައީސް ޔާމީން، މިކަހަލަ ތާކުންތާކު ނުޖެހޭ ދިއުޅިއެއްނުވާ މީހަކަށް މިނިސްޓަރުކަން ދެއްވީ ކީއްވެކަމެއް. މީ ޙައިރާންވާންޖެހޭ ކަމެއް." ސަޢީދަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

ޤައުމު ބަނގުރޫޓުވެއްޖެނަމަ އެންމެންވެސް ޙާލުގައި ޖެހޭނެކަން ސަޢީދުވެސް ދަންނަންޖެހޭނެ ކަމަށާއި، އެހެންކަމުން ބޭރުގެ އިންވެސްޓަރުންނަށް މަރުޙަބާކިޔައި ވިޔަފާރިއަށް ފަހި މާޙައުލެއް ތަނަވަސްކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ތިލަފުށީ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިންވިއްކުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވާނެ ކަމަށެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބީލަމަށް ހުޅުވާލާފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކަށެވެ. ބީލަން ހުށަހެޅޭ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.



ކިޔުންތެރިންގެ ހިޔާލު