ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު
އދ ޗާޓަރުގެ ސަބަބުން ޤައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ޤައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ޤާބިލްކަން ލިބިގެން ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު މިހެން ވިދާޅުވީ، އދގެ ޗާޓަރ އެކުލަވާލިވާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ. ޝާހިދު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޤުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރުޤައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަން ދޭނެ ކަމުުގެ ޔަގީންކަން ފޮރިން މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވަނީ ދެއްވާފައެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އަށްފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފަށާފައިވަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައިވަނީ ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ކުރިއެރުވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން