ރާއްޖެއަށް ޑްރަގް އެތެރެކުރި މީހާ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ބޭރު ގައުމަކުން ރާއްޖެއަށް ވައިގެ މަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭޤަވާއިދެއް އިމިގްރޭޝަނުން ވަނީ އެކުލަވާލާފައެވެ. އަދި އެ ޤަވާއިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިމީހަކު މިމަހުގެ 7ވަނަ ދުވަހު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށެވެ. އަދި އެއީ ޑްރަގް އެތެރެކުރާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ދައުލަތުގެ ހައިބަތު ނަގަހައްޓައި ޤާނޫނު ހިންގަންޖެހޭ. ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ. ވީމާ ދެވަނަ ވިސްނުމަކަށް ދާންޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ސަރުކާރުން ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އާ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

ކަސްޓަމްސުން ވަނީ، މިމަހުގެ 7 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އުމުރުން 23 އަހަރުގެ އަންހެނެއްގެ އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގަތުމަށްފަހު، އެމީހާ ހައްޔަރުނުކޮށް އަނބުރާ ފޮނުވާލާފައެވެ. އެމީހާ އަނބުރާ ފޮނުވާލާފައިވަނީ، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް ކަސްޓަމްސުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު