ކޮވިޑް 19 އާއިގުޅިގެން ރާއްޖެގައި އުޅޭ ބިދޭސީންތަކެއް ފުރުވާލަން އެއަރޕޯޓަށް ގެންދަނީ / ފޮޓޯ: ރަސް އޮންލައިން
ކޮވިޑް 19 އާއިގުޅިގެން ރާއްޖެގައި އުޅޭ ބިދޭސީންތަކެއް ފުރުވާލަން އެއަރޕޯޓަށް ގެންދަނީ / ފޮޓޯ: ރަސް އޮންލައިން
އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 400 މީހުން ކޮންމެ ހަފުތާއަކު ވެސް އެމީހުންގެ ގައުމަށް ފޮނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިޔާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 2689 މީހަކު މިހާތަނަށް ފޮނުވާލެވިފައިވާ ކަމަށެވެ. ބަނގުލަދޭޝްގެ ރައްޔިތުން ރާއްޖެ ގެނެސް ނިކަމެތި ހާލުގައި ގެންގުޅޭ ކަން އެގައުމުގެ ޚާރިޖީ ވަޒީރު ވެސް ގަބޫލު ކުރައްވާ ކަމަށާއި އެމީހުންގެ މައްސަލަ ހަައްލު ކުރުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޖޫން މަހު ކޮންމެ ހަފުތާއަކު ދެ ފުލައިޓް އެބަ ބާއްވަން، ކޮންމެ ފުލައިޓެއްގައި 200 ބަންގުލަދޭޝް މީހުން ފޮނުވާލެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ، ބަަންގުލަދޭޝްގެ ޚާރިޖީ ވަޒީރު އަންގަވާފައި އެބައޮތް ޖުލައި މަހު ކޮންމެ ހަފުތާ އަކު ދެ ފުލައިޓް އެކޮޅަށް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް، އެހެންވީމާ އަންނަ ޖުލައި މަހުވެސް ހަމަ ކޮންމެ ހަފުތާއަކު ހަތަރު ސަތޭކަ މީހުން ފޮނުވަމުން ގެންދާނަން." ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އިންސާނުންގެ ވަގުވިޔަފާރި އަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ހިންގި ވަރަށް ބޮޑު ޖަރީމާ އެއްގެ ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

"ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ގެނެސް ގެންގުޅުމުގެ މައްސަލައަކީ ވަކި މައްސަލަ އެއް އެއީ މިދިޔަ ސަރުކާރުން އިންތިހާ އަށް ހިންގާފައި އޮތް ބޮޑު ޖަރީމާ އެއް ހަމަ ގަސްތުގައި އިންސާނީ ވަގުފާރި ހިންގާފައި އޮތީ ހަމަ އިމިގްރޭޝަންގެ ތެރެއިން އިކޮންމިކް މިނިސްޓްރީގެ ތެރެއިން ހިންގާފައި އޮންނަ ބޮޑު ޖަރީމާ އެއްމީ އެ އަޅުގަނޑުމެން ބޮލުގައި އަޅަންމިޖެހުނީ." ޝާހިދު ވިދާޅުވިއެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހް ނިއްމެވީ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެކުރިން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިސްނަގައިގެން މަސައްކަތް ކޮށްފައިނުވާ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދަައްކަވަމުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 25000 ބިދޭސީން ގަައުމަށް ފޮނުވާލާނެ ކަމަށެވެ. ބިދޭސީން އަނބުރާ ގައުމަށް ފޮނުވުމަށް ސަރުކާރުން ނިއްމީ މާލޭގައި ތޮއްޖެހިގެން އެމީހުން ދިރިއުޅެމުންދާއިރު އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ނުރައްކާވެފައި ވާތީއާއި ގަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ އަދަދު ގިނަވެ ބޮޑެތި އިޖުތިމާޢީ މައްސަލަތައް ކުރިމަތިވަމުންދާ އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ފަގީރުބެ

28-Jun-2020

ކިތައް މީހުންތިފުލައިޓުން ގެންނާނެތޯ !!!


-9

ސޮނޭވިން

28-Jun-2020

ށޮނެވަ ޖާނީ ގަ މިތިބި 800 ގަވާއިދާ ހިލާފު ބިދޭސީންކޮޅު ފޮނުވާނުލައްޗޭ



ޓްރެންޑިން