އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ޙުސައިން މަނިކުގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ 2 ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 09:00 ގައެވެ.

ނިހާންވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރުކޮށްފައެވެ. މިއަދުގެ އަޑުއެހުމުގައި ނިހާނުގެ ވަކީލުން ބުނެފައިވަނީ، އަލަށް ޢަމަލުކުރަންފެށި ހެއްކާއި ބެހޭ ޤާނޫނުގެ ދަށުން ދައުލަތުން ބައެއް މައްސަލަތަކުގެ ހެކި މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާތީ ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައިގައިވެސް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އިފްތިތާހީ ބަޔާން ހުށަހަޅާއިރު އަލަށް ޢަމަލުކުރަންފެށި ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ އިތުރުކަންތައްތަކެއް ފާހަގަކުރަން ހުރުމުން އެކަމަށް ހަފްތާއެއް ދިނުމަށް ވަކީލު އެދިފައިވެއެވެ.

ވަކީލުގެ އެދުމާއެއްގޮތަށް މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ވަނީ އިފްތިތާޙީ ބަޔާން އިއްވުމަށް އިތުރު ހަފްތާއެއް ނިހާންގެ ވަކީލަށް ދީފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުންވެސް އިފްތިތާހީ ބަޔާން ހުށައެޅުން ކަަމަށް ވިދާޅުވުމަށްފަހު ޤާޟީވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައެވެ.

ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.

އެގޮތުން ނިހާން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދިފައިވާ ކަމަށާއި އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އެ މައްސަލާގައި ވެއެވެ.

އޭގެ އިތުރުން، ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާތީ، އޭނާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އާއި، އެފައިސާއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ޕީޖީން ވަނީ އެދިފައެވެ. އެގޮތުން ނިހާންގެ ރޮލެކްސް ގަޑިއާއި، އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާއާއި ފްލެޓް ދައުލަތަށް ނަގައިދިނުމަށް ދަޢުލަތުން ކޯޓުގައި އެދިފައިވެއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ ހިމެނެއެވެ.

އަދި 21 ޖުލައި 2014ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ހަމައެއާއެކު މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ އާއި، އަދީބު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައިވެއެވެ.

ނިހާނަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރެވެ. ނަމަވެސް ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމުން ވަކިވެ، ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އަދި މިހާރު އޭނާވަނީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަނުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު