ރާއްޖޭންް ބޭރަށް ދަތުރުކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށައަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

ޝިޔާމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރާ މީހުންނާމެދު ބައެއް ގައުމުތަކުން ޒާތީ ގޮތުން ފިޔަވަޅުއަޅައި ޑީޕޯޓު ކުރަމުން ގެންދާކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝިޔާމްގެ މައްސަލާގައި ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅިއްޖެނަމަ، އެކަމުގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އެބަ އޮތް ކަމަށްވެސް ޝިޔާމްގެ މައްސަލާގައި ވެއެވެ.

ޝިޔާމް މިފަދަ މައްސަލައެއް ހުށައަޅާފައި ވާއިރު، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާގެ ބެންގަލޫރުން އިއްޔެ ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ޑީޕޯޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ޚާރިިޖީ ވުޒާރާއިން ބުނެފައިވަނީ، ބެންގަލޫރުގައި ހުރި ދިވެއްސަކު އިއްޔެ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ސަމަދު އިންޑިއާގެ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭނާއަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއްކަން ފާހަގަކޮށްލެވެއެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދު ވަނީ ހަރާކަތްތެރިވެފަވެއެވެ.



ކިޔުންތެރިންގެ ހިޔާލު