ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށައަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

ޝިޔާމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރާ މީހުންނާމެދު ބައެއް ގައުމުތަކުން ޒާތީ ގޮތުން ފިޔަވަޅުއަޅައި ޑީޕޯޓު ކުރަމުން ގެންދާކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝިޔާމްގެ މައްސަލާގައި ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅިއްޖެނަމަ، އެކަމުގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އެބަ އޮތް ކަމަށްވެސް ޝިޔާމްގެ މައްސަލާގައި ވެއެވެ.

އެ މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ ބައިވެރިވި 45 މެންބަރުންގެ ތެރެއިން 6 މެންބަރުންނެވެ. ބާކީ މެންބަރުން ވޯޓު ދެއްވީ ބަހުސްކުރަން ނުފެންނަ ކަމަށެވެ.

ޝިޔާމް މިފަދަ މައްސަލައެއް ހުށައަޅާފައި ވާއިރު، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާގެ ބެންގަލޫރުން ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ވަނީ ޑީޕޯޓް ކޮށްފައެވެ. ސަމަދު ބުނެފައިވަނީ އޭނާ ޑީޕޯޓް ކޮށްފައިވަނީ 18 ވަރަކަށް ގަޑިއިރު އެއްވެސް ސުވާލެއް ނުކޮށް ބޭންދުމަށް ފަހު ކަމަށެވެ.

ސަމަދު އިންޑިއާގެ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭނާއަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދު ވަނީ ހަރަކާތްތެރިވެފަވެއެވެ.



ކިޔުންތެރިންގެ ހިޔާލު