ނުހައްޤު މުއްސަނދިކަން ހޯދާފައިވާ ބައެއްގެ މައްސަލަތަކެއް ފުލުހުން ބަލަމުން ގެންދާކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާޚިލީ ވަޒީރު އިމްރާން ވިދާޅުވީ، ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި އޮތުމުން އެފަދަ މައްސަލަތައް ބެލުމަށް ތަހުގީގީ އިދާރާތަކަށް މިހާރު ވަނީ ފަހިވެފައިކަމަށެވެ.

އެގޮތުން ފުލުހުން ކުރަމުންދިޔަ ތަހުގީގެއްގެ ތެރެއިން، ބައެއްގެ މައްޗަށް ނުހައްޤު މުއްސަނދިކަން ހޯދާފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަމުގައި ތަޙުޤީޤު ހިނގަމުންދާ ކަމަށާއި، އޭގެތެރެއިން ބައެއް ފަރާތްތަކަށް ދައުވާ ކުރުމަށް ލަސްތަކެއް ނުވެ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވޭނެ ކަމަށް އިމްރާން މިއަދު ވިދާޅުވިއެވެ.

"ހަމަ ތަރޯ ތަހުގީގުތަކެއް އެފަދަ ފަރާތްތަކާއި މެދުގައި ހިންގަމުން އެބަ ގެންދޭ." އިމްރާން މިއަދު ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއީ ކުށެކެވެ. އެގޮތުން ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައިހުރެ އެމީހަކަށް ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް ނުވަތަ މުއްސަނދި ކަމެއް ހޯދާފައިވާނަމަ، އެމުއްސަނދި ކަމަކީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިން ހޯދާފައިވާ ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ޤާނޫނުލް ޢުޤޫބާތުގައިވެއެވެ.

ނުޙައްޤު މުއްސަނދިކަން ހޯދާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ޤާނޫނުލް ޢުޤޫބާތުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

އަހުމަދު

20-Feb-2023

ވާ ނުވާ ނޭނގި މުއްސަނދި ވާ މީހުންގެވެސް ތަޙްގީގެއް ހިންގަން ޖެހޭ