އިންޓެލިޖެންސް ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޤަވާއިދުން ޙިއްސާކުރަށްވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާޚިލީ ވަޒީރު އިމްރާން މި މޭރުމުން ވިދާޅުވީ، މޭ ހައެއްގެ ބޮމުގެ ޙަމަލާއަށް ފަހު މަޖިލީހުގެ 241 ކޮމިޓީން ބެލި ބެލުމުން އިންޓަލިޖެންސް މަޢުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ހިއްސާ ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މެމްބަރު ރަޝީދަށް ޖަވާބު ދެއްވަމުން ވަޒީރު އިމްރާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ލަފާއާ އެއްގޮތަށް އިންޓެލިޖެންސް ރިޕޯޓް ކަމާގުޅޭ އިދާރާތަކާ މިހާރު ހިއްސާ ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ ރިޕޯޓުވެސް މިހާރު ޙިއްސާ ކޮށްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

"އިންޓެލިޖެންސް ޝެއާކުރާނެ ޕްލެޓްފޯމެއް ގާއިމުކުރެވި، ފޮނުވަންޖެހޭ ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ދަނީ ފޮނުވަންޖެހޭ ޓައިމްތަކުގައި ފޮނުވަމުން." އިމްރާން މިއަދު ވިދާޅުވިއެވެ.

މެއި ހައެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ އިންކުއަރީއަށްފަހު މަޖިލީހުން ވަނީ ސާޅީހަށްވުރެ ގިނަ ރިކޮމަންޑޭޝަން ހިމެނޭ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ. އޭގެ އިތުރުން ބޮމުގެ ޙަމަލާއާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ދަޢުވާ އުފުލައި އެމައްސަލަތައް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6މެއި 2021 ދުވަހުގެ އިރާކޮޅު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ޙަމަލާއަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުންވެސް ފަރުވާ ހޯއްދަވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު