ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އެމްޑީޕީން ކުރާނެކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާމެދު ބައެއް މެމްބަރުންގެ ހިތްޕުޅުގައި ނުވަނަވަސްކަން ހުރިކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެން ނަމަވެސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ޓިކެޓް ޙަވާލުކޮށް އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އެމްޑީޕީން ކުރާނެކަމަށް ފައްޔާޒް ރޭވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގައި އިންސާނުންގެ ޠަބީޢަތުގައި ހުރި ބައެއް ކަންކަން އެއްފަރާތްކޮށްލަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު މިމޭރުމުން ވިދާޅުވެފައިވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ޕޮލިސް ބޯޑުގެ މެމްބަރު ޙާމިދު އަބްދުލް ޣަފޫރުވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލާގައި ބުނެފައިވަނީ، އެމްޑީޕީން 39،000 މެންބަރުން ވަކިކުރީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި މެމްބަރުން ވަކިކުރުމަށް އޮންނަ އިޖުރާޢަތު ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް އެރުވުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ހާމިދުގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ.

އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ. އަދި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް އަންނަ ހޮނިހިރު ދުވަހުގެރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު