ދިވެހިއައިޑީ ކާޑެއް
ދިވެހިއައިޑީ ކާޑެއް
އަންނަ ޖުލައި މަހުގެ ނިޔަަލަށް އައިޑީކާޑު ގެއްލިފައި ވިޔަސް ނުވަތަ، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަންގައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ. އަދި އެއާއެކު އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ވަނީ ޖޫން 30ގެ ނިޔަލަށް، އައިޑީ ކާޑު ނެތް ނަމަވެސް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދޭން އަންގާފައެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ، އެ އެންގުމުގެ މުއްދަތު ޖުލައި މަހުގެ 31 ގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ.

އެހެންކަމުން، އައިޑީކާޑު ނަމްބަރު ފެންނަ ލިޔުމެއް ދިނުމުން، އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ޑީއެންއާރުގެ އިއުލާންގައިވެއެވެ. އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި އަަހަރަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ދިނުމުން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން ޑީއެންއާރުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން