މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤްގެ ބައްޕާފުޅުގެ ނަން ޢަދާލަތު ޕާޓީގެ ދަފްތަރުގައި އޮތުމާ ގުޅިގެން މެމްބަރު ޠާރިޤް އެކަމާ ކޯފާ ވެއްޖެއެވެ.

މެމްބަރު ޠާރިޤް މިއަދު ވިދާޅުވީ އޭނާގެ ބައްޕާފުޅު އދ. މަހިބަދޫ، ކަންމަތީގެ، އިބްރާހިމް އާދަމްގެ ހުއްދައެއްނެތި އަދާލަތު ޕާޓީއަށް ވައްދާފައިވާތީ އެކަން ބަލައިދިނުމަށް ބައްޕަ އެދިވަޑައިގެންފައި ވާކަމަށެވެ. އެހެންކަމުން ބައްޕާފުޅު ޢަދާލަތު ޕާޓީއަށް ވެއްދުމަށް ފޯމުގައި ސޮއިކުރި ފަރާތްތައް ހޯއްދަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވަނީ އަދާލަތު ޕާޓީއަށް މެންބަރުން އިތުރުކުރި ގޮތަކީ މީއީތޯއޭ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ. އަދި ސިޔާސީ ޕާޓީއެއް ހިންގޭ ވަރަށް މެމްބަރުން ހަމަނުކުރެވޭނަމަ މައުލޫދުކިޔާ ޖަމިއްޔާއެއް އުފެއްދެވުމަށް ޠާރިޤް ވަނީ ޢަދާލަތު ފާޓީއަށް އިލްތިމާސް ކުރަށްވާފައެވެ.

"ދީނީ ނަން ބޭނުންކޮށްގެން ކޮންފަދަ ކަމެއްތޯ މިއީ. ޕާޓީއަށް މެންބަރުން ހަމަ ނުވަންޏާ އުވާލައްވާފައި، މައުލޫދު ކިޔާ ޖަމިއްޔާއެއް އުފައްދަވާ." ޠާރިޤް ވިދާޅުވެފައިވެއެވެ.



ޠާރިޤްގެ ބައްޕާފުޅުގެ ނަން ޢަދާލަތު ޕާޓީގެ ދަފްތަރުގައި އޮތް މައްސަލަ ފެންމަތިވެފައިވާއިރު، ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާތީ، އެ ގޮތަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ހިމެނެން ޖެހެއެވެ. އަދި ދަޢުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު