ތުރުކީއަށް އައި ބިންހެލުމުގައި ޙާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ “އެއް އުންމަތެކޭ މީ” ކެމްޕޭނުން އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

“އެއް އުންމަތެކޭ މީ” ފަންޑް ރެއިޒިން ކެމްޕޭނަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އައިއޭސީ މޯލްޑިވްސް އާއި ރާއްޖޭގެ އެކި ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިއްޔެގެ ޙަރަކާތާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ މި ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބުނު އެއް ކެމްޕޭން ކަމަށެވެ. އެހެންކަމުން މިކެމްޕޭނުގައި ބައިވެރިވި ފަރާތްތަކަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



އިއްޔެ ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން މި ޙަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ.

7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 41،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ މިދިޔަ 10 އަހަރުތެރޭގައި އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން