ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން
ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން
ކޮރޯނާ ވައިރަސް މާލޭގައި ފެތުރެން ފެށުމާއެކު މާލެސިޓީ ފުރަބަންދު ކުރުމުގެ ސަބަބުން މަގުމަތިވެގެން ސަރުކާރުން ބަލަހައްޓަމުން ދިޔަ މީހުންގެ ތެރެއިން 112 މީހުން، އެ މީހުންގެ އެދުމުގެ މަތީން ރަށައް ފޮނުވާލާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ކޯވިޑް-19 މާލޭގައި ފެތުރެން ފެށުމާއެކު ފުރަބަންދު ކުރުމުގެ ސަބަބުން މަގުމަތިވި 397 މީހަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 112 މީހަކު އަމިއްލައަށް އެދިގެން އެމީހުން ނިސްބަތްވާ ރަށް ތަކަށް ފޮނުވާލާފައިވާކަމަށް ޒުލްފިޝާން ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގައި ވަގުތީ ބޯހިޔާވަހިކަމެއް އެންމެ ފުރަތަމަ ގާއިމް ކުރިއިރު އެހެނިހެން ބައެއް ސުކޫލްތައް ވެސް، މަގުމަތިވި ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ބޭނުން ކުރަމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިން، ކާބޯތަކެތި ފޯރުކޮށްދެވިފައިވާނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަށުގައި ތިބި ފަރާތްތަކާއި ލޮކްޑައުން އާއި ގުޅިގެން ކާބޯތަކެތި އެރޭންޖް ކުރެވިފައި ހުރި ތަންތަނަށް ނުދެވުނު މީހުންނާއި ރާއްޖެ ތެރެއިން އެކި ބޭނުންތަކަށް މާލެ އައިސް ރަށައް ނުދެވި ތާށިވި މީހުންގެ ތެރެއިން ކާބޯތަކެތި ނުލިބުނު ފަރާތްތަކަށް. އެގޮތުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 50314 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވިފައިވާނެ." އޭނާ ވިދާޅުވިއެވެ.

އެކި ފަރާތްތަކުން ލިބުނު އެހީ އާއެކު ކޮވިޑާއި ގުޅިގެން ކުރަންޖެހޭ ޚަރަދު ތައް ކުރުމަށް 4 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް ޒުލްފިޝާން ވިދާޅުވިއެވެ.

ސުކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނާތީ ވަގުތީ ހިޔާ ތަކުގައި ތިބި ފަރާތްތައް ޔޫތް ހޮސްޓަލް އާއި ޔޫތް ކޮމްޕްލެކްސްއަށް ބަދަލުކޮށްފައިވާ ކަމަށް ޒުލްފިޝާން ވިދާޅުވި އެވެ. ބޯހިޔާ ވަހިކަން ބޭނުން ވެގެން މިނިސްޓްރީ އަށް ރިޕޯޓް ކުރި ފަރާތްތަކުގެ ތެރެއިން ގިނަ މީހުންނަކީ އެ މީހުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އާމްދަނީ ލިބުން ހުއްޓުނު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން