ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށައަޅާފައިވާ މައްސަލައިގެ މައުޟޫއިން ބޭރުން ތަކުރާރުކޮށް ބަހުސް ކުރިއަށް ގެންދެވުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ދިވެހި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި މެންބަރު އީވާ ހުށައެޅުއްވި ގަރާރަށް ބަހުސްކުރަށްވަމުން ކެލާ އިބުރޭ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް އިންނެވުމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.

ގަރާރަށް ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި ކެލާ އިބުރޭ ވިދާޅުވީ، ރިޔާސަތުގައި މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބު ރައީސް ނޫން ބޭފުޅަކު އިންނަވާނަމަ އެ ސަބަބު ހާމަކުރަންވާނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށެވެ. އެކަން ފާހަގަކޮށް މެންބަރު ޝަރީފް އަޑުގަދަ ކުރަން ފެށުމުން ރިޔާސަތުން ވަނީ ޝަރީފަށް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދަންނަވާފައެވެ. އަދި މަޢުޟޫއަށް ވާހަކަ ދެއްކުމަށް ހަނދާންކޮށްދީފައިވެއެވެ.

އެހެންނަމަވެސް އެކަން އިސްލާޙު ނުކުރަށްވައި ޝަރީފް ތަކުރާރުކޮށް އެވާހަކަ ކުރިއަށް ގެންދެވުމުން ރިޔާސަތުން ވަނީ ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމުގައި އަޑުގަދަ ކުރަށްވައި މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރެއްވުމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވައި ތަޅުމުން އޭނާވެސް ވަނީ ބޭރުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޞާލިޙަށް ތާޢީދުކުރަށްވާ ދެ މެމްބަރެއްގެ ނަން އިއްވާފައިވާއިރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުން ބޮޑުވެ އެކޯޅުންގަނޑު މަޖިލީހުގެ ތަޅުމަށްވެސް މިހާރު ވަނީ ތިލަވެފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ނުކުރަށްވާނެ ކަމަށް ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ މެންބަރުން ދަނީ ފާޅުގައި ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު