ރޭގެ ވަގުތެއްގައި އަވަހާރަވި ކ. ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ރިޟާ އަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރާއްޖެ ބަދަލުކުރުމުގެ ޙިއްސާދާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެމްބަރު ރިޟާ އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

ރިޟާގެ ޚިދުމަތްތަކުގެ ހަނދާން އާކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޟާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ތިން ދައުރެއްގައި އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ސިޔާސީ ޙަޔާތުގެ ނުހަނު ބޮޑު ބައިވެރިއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަދި ރާއްޖެ ސިޔާސީ ޕާޓީގެ ނިޒާމަށް ބަދަލު ކުރުމުގެ ޙިއްސާދާރެއް. މާތްﷲ މަރުޙޫމަށް ސުވަރުގެ މިންވަރު ކުރަށްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!" ރައީސް ނަޝީދުގެ ތަޢުޒިޔާގެ މެސެޖުގައިވެއެވެ.



ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކ. ގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވި މަރުޙޫމް ރިޟާ އަކީ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުކަން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު ބައެއްގައި، ކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު