ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތެއް ނުލިބި ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ރައީސް ޞާލިހު ވެސް ވަނީ ކުންފުނިތަކުގެ ވެރިންގެ ޚިޔާލު ތަފާތުވީ ނަމަވެސް އާއްމުންނަށް ލިބެން ޖެހޭ ޚިދުމަތަކަށް ދަތިކަމެއް ކުރިމަތިވެގެން ނުވާނެކަަމަށް ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ވެރިން ރައީސް ޞާލިޙްގެ ވާދަވެރި ކެންޑިޑޭޓަށް ތާޢީދު ކުރެއްވި ނަމަވެސް އެކަމުގެ ސަބަބުން ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތަށް ބުރޫނާރާނެ ކަމަށެވެ. އަދި އެއީ ސަރުކާރުން ކަށަވަރު ކުރާނެ ކަމެއް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"އެއްވެސް ރައްޔިތަކަށް ލިބެން ޖެހޭ ޚިދުމަތެއް ނުލިބި ނުދާނެ ކަމުގެ ޔަޤީންކަން އަރުވަން." މިއުވާން ވިދާޅުވިއެވެ.

ހަމައެއާއެކު ޕްރައިމަރީގައި ރައީސް އާ ދެކޮޅަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެ ކަމާމެދު އަރުވާނެ ޖަވާބެއް ނެތް ކަމަށްވެސް މިއުވާން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު