ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމާމެދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން މަޝްވަރާ ކޮށްފިއެވެ.

މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ޝިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭ އާއެކު އަންނަ ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީޕާޓީ އެމްޑީޕީއާއި ޕީޕީއެމުންވެސް މިއަދު ވަނީ ބާއްވާފައެވެ.

ޕީޕީއެމް ޕީއެންސީން އެމްޑީއޭއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ސަން ސިޔާމް ބިލްޑިންގ ގައެވެ. މި ބައްދަލުވުމުގައި ދެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމަށްފަހު އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ އެމްޑީއޭއިން ހުކުރު ދުވަހާ ހަމައަށް ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެޕާޓީން ގޮތެއް ނިންމުމުގެ ކުރިން މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ވަރަށް ބޮޑަށް ދިރާސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ގޮތެއް ނިންމުމަށް ވަގުތު ނަގާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"2023 ގައި އަޅުގަނޑުމެން ކޯލިޝަން ޕާޓީއަކާއެކު ނުކުންނާން. އަދި ކޮން ޕާޓީއެއް ކަމެއް ނުނިންމަން. އަޅުގަނޑުމެންގެ ރައީސް ގޮތެއް ނިންމަވާނީ." މައުރޫފް ވިދާޅުވި އެވެ.

މި މަޝްވަރާ ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭއަކީ ވަރަށްގާތް ދެ ޕާޓީ ކަމަށާއި އެމްޑީއޭއާއެކު ކޯލިޝަން ހެދޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އެމްޑީއޭ އޮތުމަކީ އެކަމުގެ ހެއްކެއް ކަަމަށް ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމާއި އެމްޑީޕީން އެމްޑީއޭއާއެކު ކޯލިޝަނެއް ހެދުމާމެދު މަޝްވަރާ ކޮށްފައިވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރަށްވާނެކަން އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެކަން ޕާޓީގެ ކައުންސިލަށް އެންގެވީ އިއްޔެ އެވެ.



ކިޔުންތެރިންގެ ހިޔާލު