ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން
ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން
ސަރުކާރަކީ ކުންފުނި ހިންގާހެން ރައްޓެހިންކޮޅު ލައިގެން ހިންގާ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ، އަވަސްގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަހީދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށްވެއްޓިފައިވާ ކަމަށެވެ. މިހާލަތުން އަރައިގަނެވޭނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެންމެން ގުޅިގެން ކަމަށެވެ. ވަހީދު ވިދާޅުވީ ސަރުކާރު އޮތީ ވަރަށް ހާލުގައި ކަމަށާއި ދައުލަތަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. ދައުލަތުގެ ރިޒާވް އެއްކޮށް ހުސްވެ ހުރީ ވަރަށް ކުޑަ އެއްޗެއް ކަމުގައި ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވަރަށް ދަތިވާނެ ކަމަށާއި، އެކަމުގެ އަލާމަތްތައް މިހާރު ވެސް ފެންނަމުންދާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. މިހާރުވެސް ގިނަ ބަޔަކަށް ދަތިވެ ތިބީ އެހީއަށް ބޭނުންވެފައި ކަަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ. މިވަގުތަކީ ގައުމުގައި ތިބި ތަޖުރިބާކާރު ގާބިލް ބޭފުޅުންގެ ބޭނުން ސަރުކާރުން ހިފަައި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ވެސް ކޮޅެއް އެއްލަންޖެހޭ، އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ވެސް ކުރަންޖެހޭ، ރާއްޖޭގައި އެބަތިބި ކަންކަން ހައްލުކުރެވޭ ވަރުގެ މީހުން. މިވަގުތަކީ ރައީސް ޔާމިން ޖަލުގައި ބަހައްޓަންވީ ދުވަސްވަރެއް ވެސް ނޫން މިއީކީ. އެމަނިކުފާނަކީ ވަރަށް ރިސޯސްފުލް ބޭފުޅެއް. މިދަނޑިވަޅަކީ ޔާމިން ވެސް ޖަލުން ނެރެ އަޅުގަނޑުމެންނާއެކު އެކަށްޗެއް ކިޔައިގެން މި ގައުމު ސަލާމަތް ކުރަންވީ ވަގުތު." ރާއްޖޭގެ ފުރަތަމަ ނާއިބް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ގައުމު ދަތި އިގްތިސާދީ ވަޅުގަނޑެއްގެ ތެރޭގައި އޮއްވާ ސަރުކާރުގެ ތެރޭގައި ދެބަސްވާތަން ފެންނަމުންދާ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އެންމެންވެސް މަސައްކަތް ކުރަންވީ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

"ވަހީދު ހިނގާލަން ދިޔައީމަ އެ ދެން މާބޮޑު ކަމަކަށް ވެގެން މުޅި ރައްޔިތުންގެ މަޖިލިސް ދެ ދުވަސްވަންދެން މޮބިލަައިޒް ވެފައި އޮވެގެން ނުވާނެ. އެއަށްވުރެ މާ މުހިންމު ކަންތައްތައް ރާއްޖޭގައި އެބަހުރި މިހާރު." ދާދިފަހުން މަޖިލީހަށް އެމަނިކުފާނާއި ގުޅޭގޮތުން ހުށައެޅުނު މަައްސަލައަށް އިޝާރަތް ކުރައްވަމުން ޑރ. ވަހީދު ވިދާޅުވިއެވެ.

ދިވެހި ދައުލަތަކީ ވަކިބައެއްގެ މިލްކެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނު ވެސް ހިމެނޭހެން ހުރިހާ ރައްޔިތުންގެ އެއްޗެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ދިވެހި ދަައުލަތް ހިންގަން ހަވާލުވާ މީހަކީ އޭނާގެ އަމިއްލަ ކުންފުންޏެއް ގޮތަށް ރަށްޓެހިންކޮޅު ގެނެސްގެން ހިންގާން އޮންނަ އެއްޗެއް ނޫން. ދައުލަތެއްގެ ވާހަކަ މިދައްކަނީ ކުންފުންޏެއްނަމަ މައްސަލަ އެއް ނެތް. މިއީ އެންމެންގެ ދައުލަތެއް މި ދައުލަތުގެ ހިއްސާ އޮވޭ އަޅުގަނޑުވެސް. އެހެންވީމާ އަޅުގަނޑުގެ ބޭނުންވެސް ހިފަންޖެހޭނެ. ދުވަސްވީ ތަޖުރިބާކާރު ބޭފުޅުން އެބަތިއްބެވި ދުރުގައި، ކީއްތަވާނީ ގެނައިއްޔާ. ގެނެސްގެން އެމީހުން ބޭނުން ހިފިއްޔާ. އެމީހުންނަށް އެކި ތަންތަނުން އެހީވެސް ހޯދޭނެ. ކުރެވޭނެ ކަންތައްތައް ހުންނާނެ. އެމީހުން ކެޕިޓަލް އިންވެސްޓް ކުރާނެ." އދ.ގެ އެކި މަގާމުތައް ފުރުއްވާފައިވާ ޑރ. ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން