އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅު އެކި ފަހަރު މަތިން ރޭޕްކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ، ތަފާތު އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. އެމީހާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިޔުމަށް އަށް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން