ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް
ޖިންސީ ކުށުގެ ގާނޫނު މިހާރު އޮތްގޮތުން، ރޭޕް ރިޕޯޓް ކުރަން ޖެހިލުންވެ، އަދި ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާ ކަމަށް ވިދާޅުވެ އެ ގާނޫނަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މީކާއީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޕްކުރަނީ ޝިކާރައަށްވާ ފަރާތް ލާ ހެދުމާއި އޭނާގެ "އަބުރުވެރިކަމާއި އަޚްލާގަށް" ބެލުމަށްފަހު ނޫން ކަމަށެވެ.

"މިހާރު ގާނޫނު އޮތްގޮތުން ޝިކާރައަށްވާ ފާރަތް ރޭޕް ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާތީ، ގާނޫނަށް އިސްލާހު ހުށަހަޅައިފިން." މީކާއީލްގެ ޓްވީޓްގައިވެއެވެ.

ޖިންސީ ކުށުގެ ގާނޫނަށް މެމްބަރު މީކާއިލް އިސްލާހު ހުށަހެޅުއްވީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށެވެ. އެ ގާނޫނުގެ 53 ވަނަ މާއްދާއަކީ ކުށުގެ ޝިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވާނަމަ، އެއީ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި ވެސް ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމަކީ ވެސް ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

މެމްބަރު މީކާއީލް، ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި މިވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮރް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ފުލުހުން ދޫކޮށްލުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ސަފާރީ ރޭޕްގެ މައްސަލަ އެޗްއާރުސީއެމް އާއި މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބެލުމަށް މިހާރު ވަނީ ނިއްމާފައެވެ. މަޖިލީހުގެ ކޮމެޓީއަށް އެމައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާ އޮންނަ ޖަލްސާއަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ދަވާލި19

29-Jun-2020

ރޭޕް މައްސަލަތައް ރިޕޯޓުކުރުމުގަ މައްސަލައެއް ހުރިހެނެއް ހީނުވޭ މައްސަލަހުރީ ސިޔާސީގޮތުން ބާރުގަދަ މީހުންގެ އެމީހުންގެ އާއިލީމީހުން ރައްޓެހިން ދަރިން ހިންގާޖަރީމާތައް ނުބެލި ދެރަ ނިކަމެތި މީހާ ކަމެއްނުކުރިޔަސް އުލުޖަހާމައްސަލަ އެކަން ހައްލު ކުރަން ނިކަން ގާނޫނެއްހަދާބަލަ



ޓްރެންޑިން