އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި އައްޑޫ ސަރަޙައްދީ ބަނދަރު ޕްރައިވަޓައިޒްކުުރުމަށް ގޮވާލާ ޤަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.

އަޙްމަދު ރަޝީދު ހުށައެޅުއްވި މި ޤަރާރުގައި ބުނެފައިވަނީ މިއީ އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށާއި، އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ވިސްނުމުގައި ހުށައަޅާ ޤަރާރެއް ކަމަށެވެ. އެގޮތުން އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުން ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނައުމަށް އައްޑޫގެ ބަނދަރުތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށް ޤަރާރުގައި ވެއެވެ.

އައްޑޫ ސިޓީ ހިމެނޭ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭގޮތަށް އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރެވޭނީ އައްޑޫ އެއަރޕޯޓާއި އައްޑޫ ސަރަޙައްދީ ބަނދަރު ތަރައްގީކޮށް ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުވާލެވިގެން ކަމަށް ޤަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން އައްޑޫ އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވެޓައިޒްކޮށްފި ނަމަ އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އަޙްމަދު ރަޝީދު ހުށައެޅުއްވި ޤަރާރުގައި ވަނީ ބުނެފައެވެ.

އައްޑޫގެ ބަނދަރުތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅާފައިވާއިރު، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ އެއަރޕޯޓެކެވެ.

ސަރުކާރުން ބުނެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސްއާ ހަވާލުކުރަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ) ޚަރަދު ކޮށްގެނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން