އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކޮށްފައިވަނީ އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސް ކަމަށް އިއުލާނުކުރެއްވީ ގަން އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ އެއާޕޯޓު ހިންގާ ކުންފުނީގެ ޗެއާމަން އަޒާން އަހުމަދު ޒުހައިރުއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމަހުގެ 5 ވަނަ ދުވަހު ސޮއި ކުރާނެ ކަމަށެވެ. އަދި އެ ޙަފްލާއަށް ދަޢުވަތުވެސް ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 28.5 މިލިއަން ޑޮލަރު ކަމަށެވެ.

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ސަރުކަރުން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

ރެނާޓަސް އަކީ ރާއްޖޭގަައި މީގެކުރިންވެސް ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ވަނީ ހުޅުމާލޭގައި 'ރެނާޓަސް އިތާ މުތް' ފްލެޓް އިމާރާތް ކޮށްފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެކުންފުނިން ދަނީ ފްލެޓް އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން