ކަރެކްޝަންގެ ބެލުމުގެ ދަށުން ރައީސް ޔާމިން މާފުށީ ޖަލަށް ގެންދަނީ (ފޮޓޯ ސޯޝަލް މީޑިއާ)
ކަރެކްޝަންގެ ބެލުމުގެ ދަށުން ރައީސް ޔާމިން މާފުށީ ޖަލަށް ގެންދަނީ (ފޮޓޯ ސޯޝަލް މީޑިއާ)
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާ އެހެނިހެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން  މިއަދު ހުށައަޅައިފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިމި، ގިނަ ދުވަސްތަކެއް ފާއިތުވަމުން ދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގައިދިޔަ ޝަރީއަތެއްގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ރައްޔިތުން ގަބޫލުކުރާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމަށް ވީއިރު، ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކީ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އިންސާފުގެ ހައްގުން އެމަނިކުފާނު މަހްރޫމްވުން ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ހަތަރު މަސް ވެގެން ދިޔައިރު މައްސަލައާ ގުޅިގެން ހައިކޯޓުން އަޑުއެހުމެއް ބާއްވާފައި ނުވާތީ ކަންބޮޑުވެވަޑައިިގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ، ސިޔާސީ ނުފޫޒުން، ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ރައްޔިތުން ގަބޫލުކުރާއިރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން ވެސް ގެއަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގުދެމިގެން ދިއުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާމެދު ރައްޔިތުންގެ ހިތުގައިި ޝައްކާއިި ވަހުމު އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށް ވެސް ސިޓީގައިިވެއެވެ. އެެހެންކަމުން ރައީސް ޔާމީންގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށާއި، މި މައްސަލައާ ގުޅޭގޮތުން ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ، ވީ އެންމެ އަވަހަކަށް އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އެދޭކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

ރައީސް ޔާމިން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ފައިސާ އިން އެމަނިކުފާނު މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ރައީސް ޔާމިންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުމެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ރައީސް ޔާމިން މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން