ސަން ސިޔާމް (ކ) އަދި ރައީސް ޔާމިން
ސަން ސިޔާމް (ކ) އަދި ރައީސް ޔާމިން
ސަން ސިޔާމުގެ ދެ ކުންފުންޏެއްގެ މައްޗަށް ކުރާ ބޮޑުޚިޔާނާތުގެ މަނީ ލޯންޑްރިންގެ ތުހުމަތުތައް ދޮގުކޮށް އެ ކުންފުންޏާ ދިމާއަށް ތަހުގީގުގެ އަމާޒު ހިފުމަކީ މައްސަލައިގެ މިސްރާބު ކަސިޔާރުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ސަން ސިޔާމުގެ ދެކުންފުނިން ބުނެފިއެވެ.

ޕީޖީ އޮފީހުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.

ސަން އާއި ރައީސް ޔާމީންއަށް ދައުވާ އުފުލި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެ ދެ ކުންފުނިން ވަކިވަކިން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ފުއްގިރި މައްސަލާގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދާ ބަދަލުކުރިކަން އެ ކުންފުންޏަށް އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެ ކުންފުނިން ބައިވެރިވެފައިވެސް ނުވާނެ ކަމަށް ބަޔާނުގައިވެއެވެ.

ސަންގެ ބަޔާނުގައި ބުނީ ޖިނާއީ އެއްވެސް ކުށެއްގައި ޝާމިލްވެފައިނުވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ހިނގަމުންދާތާ އެތައް އަހަރެއް ފަހުން މައްސަލައިގެ ބައިވެރިވި ކަމަށް މުޖްމަތައު ތެރޭގައި އެންމެން ދަންނަ މީހުން ދޫކޮށް، އެ ކުންފުންޏާ ދިމާއަށް ތަހުގީގުގެ އަމާޒު ހިފުމަކީ މިސްރާބު ކަސިޔާރުވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"މި ކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ތަހުގީގަށް ހޯދިފައިނުވާނެ ކަމާއި އެފަދަ ހެއްކެއް ޝަރީއަތަށް ހުށަނޭޅޭނެކަމީ އަޅުގަނޑުމެންނަށް ޝައްކު ހިނގާ ކަމެއް ނޫން" ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ. މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެއް ކަން ފާހަގަކޮށްލެވެއެވެ.

ދައުވާތައް މިހާރު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފައެވެ.  ޔާމީންގެ އިތުރުން މި މައްސަލާގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ  ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ސަން އަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ކުންފުންޏެކެވެ. ޝިޔާމަކީ ޕީޕީއެމް ކޯލިޝަނާއި ގުޅިގެން ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި މަސައްކަތް ކޮށްފައިވާ އެމްޑީއޭގެ ލީޑަރެވެ. ނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގެ ފަހު ދައުރުގައި އެމްޑީއޭއާއި ޝިޔާމުގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން