ކުވެއިތު ފަންޑުގެ އެހީގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލް އިމާރާތްކުރުމަށް މި ހަފުތާގައި ހަވާލުކުރާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ އެހީ ލިބިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެގޮތުން 30 އެނދުގެ 7 ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދެފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، ކުވެއިތު ފަންޑުގެ އެހީގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑާ މަރުޙަލާގައި ކަމަށާއި، އިވެލުއޭޝަން ޕްރޮސެސްވެސް މިހާރު ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު އެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"ކުވައިތު ފަންޑުގެ ހޮސްޕިޓަަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް ވާނެ. އިވެލުއޭޝަން ވަނީ ނިމިފައި. މި ހަފުތާގެ ތެރޭގައި އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނަން،" އަމީރު ވިދާޅުވިއެވެ.

ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި 25 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން