މޫދުޙަރަކާތްތައް ހިންގާއިރު ފަތުރުވެރިންގެ ސަލާމަތާމެދު އިތުރަށް ރައްކާތެރިވުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.



ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑުތަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ ފަަހަކަށް އައިސް ފަތުރުވެރިންނަށް މޫދުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށްގެންދާއިރު ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރކިއުލާގައި އިތުރަށް ބުނެފައިވަނީ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ސަލާމަތީ އާލާތްތައް ޤަވާއިދުގައިވާ ގޮތަށް ހަމަކުރުމަށް އަންގާ ކަމަށެވެ. އެގޮތުން މޫދު ޙަރަކާތްތަކާއި ސްނޯކަލިންއަށްދާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވަނީ ހަނދާންކޮށްދީފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިންވަނީ ފަތުރުވެރިންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ހުއްޓުމެއްނެތި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފަހަކަށްއައިސް މޫދުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ފަތުރުވެރިން ނިޔާވުމުގެ ޙާދިސާތައް ދަނީ ފެންމަތިވަމުންނެވެ. އިއްޔެއާއި މިއަދުވެސް ވަނީ މޫދުގެ ހާދިސާތަކުގައި ފަތުރުވެރިން މަރުވެފައެވެ. އެގޮތުން އިއްޔެއާއި މިއަދުވެސް މަރުފެވައިވަނީ އއ އަތޮޅުން މޫދަށް އެރުނު އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން