ގުޅިފަޅު ހިއްކަމުންދާ ބައިގެ އޭތިއަލް ފޮޓޯއެއް؛ (ފޮޓޯ- އީޕީއޭ)
ގުޅިފަޅު ހިއްކަމުންދާ ބައިގެ އޭތިއަލް ފޮޓޯއެއް؛ (ފޮޓޯ- އީޕީއޭ)
ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވާރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ގުޅިފަޅުން ހިއްކާ ބިމުގައި ފްލެޓް އަޅަން ހުށަހެޅުމަށް ޚިޔާލު ދީފައިވާ އެންވަޔަރަމެންޓް ކޮމިޓީގެ ރިޕޯޓް ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކުއެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ކޮމިޓީގެ ރިޕޯޓަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްލާހެއް ހުށައެޅުއްވިއެވެ. އެއީ ގުޅިފަޅުގައި އަޅަން ހުށަހަޅާ ހައުސިން ޔުނިޓްގެ އަދަދު 8،000 އަށް އިތުރު ކުރުމަށެވެ. އެހެން ނަމަވެސް 58 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ހިމަނަން ފާސްވެފައެއް ނުވެއެވެ. އިސްލާހު ހިމަނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.

ގުޅިފަޅުގައި މިހާރު ހިއްކަމުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ބިމުގެ ސަރަހައްދެވެ. ނަމަވެސް އެ ކަމަށް ބޮޑު ބައެއް ހިއްކާތީ، ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުން ވަމުންދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. އެންވަޔަރަމެންޓް ކޮމިޓީން އެކުލަވާލި ރިޕޯޓަކީ އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ. ކޮމިޓީ ރިޕޯޓްގައި ބުނެފައި ވަނީ ތިމާވެއްޓަށް އަސަރު ކުރާ މަޝްރޫއަކަށް ވާތީ ހަމައެކަނި އެންމެ މަޝްރޫއަކަށް ހާއްސަ ކުރުމުގެ ބަދަލުގައި އިތުރު އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތައް އަންނާނެ ކަންކަން ހިމަނަން ޖެހޭ ކަމަށެވެ.

އެގޮތުން މާލެއަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ބިމުގެ ސަރަހައްދުގެ 15 ޕަސެންޓްގެ ބިން ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ކޮމިޓީން ހުށަހަޅާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ބިމަކީ މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމަކަށް ވެސް ވާން ވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި މިހާރު ވެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް މަޝްރޫއު ހިންގާ ފަރާތަށް އެންގުމަށް ކޮމިޓީ ރިޕޯޓްގައި ވަނީ އިރުޝާދުދީފައެވެ. ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ބެލުމަށް ޓަކައި ކަމާ ބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވާލައި ހަފުތާއަކު އެއް ފަހަރު ބައްދަލުވުންތައް ބާއްވަން ވެސް ހުށަހަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ކޮންމެ ދުވަހަކު އެމަޝްރޫޢުގެ ފަހުގެ މައުލޫމާތުތައް އާންމު ކުރަމުން ދިއުމަށް ވެސް ކޮމިޓީގެ ހުށަހެޅުންތަކުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން