އެންއައިސީ އިން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގައި
އެންއައިސީ އިން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގައި
ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ބޭނުންވާ ބައެއް މައުލޫމާތުތައް އަދިވެސް ނުދޭ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، މައްސަލަ ފެންމަތިވުމާއެކު ކޮމިޝަނުން އިސް ނަގައިގެން މައްސަލަ ބަލަން ފެށި ކަމަށެވެ. އިތުރު ފަރާތްތަކުން ވެސް މައްސަލަ ހުށަހެޅި ކަމަށާއި، މައްސަލައިގެ ހައްސާސްކަމާއެކު މައްސަލަ ބެލުމުގެ ގޮތުން ތިން މެންބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެންއައިސީން މައްސަލަ ބަލަން އެކުލަވާލި ކޮމިޓީގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ޖިހާދު ވިދާޅުވީ، މައްސަލައިގެ މައުލޫމާތު ހޯދަން ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުންގެ ސިޓީގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން އިތުރު ލިއެކިއުންތައް ބޭނުންވާތީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އިއްޔެ ހަވީރު އެންއައިސީ މެންބަރުން ވަޑައިގެން، ހަތަރު ފުލުސް އޮފިސަރެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެއީ ސީނަށް ދިޔަ ފުލުސް އޮފިސަރުންނާއި ޑިއުޓީ އިންޗާޖް އޮފިސަރުގެ ބަޔާން ކަމަށް ޖިހާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރެވި، މައްސަލަ ލޮގްވެގެން ދިޔަ ޕްރޮސީޖާތަކުގެ ލިއެކިއުންތައް އަދިވެސް ނުލިބޭ ކަމަށް ޖިހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ކުރިއަށް ދެން ގެންދާނެ ގޮތެއް ނިންމޭނީ އެ ޕްރޮސީޖާގެ ލިއެކިއުންތައް ވެސް ލިބިގެން ކަމަށާއި އެ ލިއެކިއުންތަކަށް އެދިފައިވާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ސުލައިމާން ވިދާޅުވީ މި މައްސަލާގައި ވެސް މައްސަލަ ލޮގްވުމުގެ ޕްރޮސީޖާގެ ލިއެކިއުންތައް ލިބުމުގައި ލަސްވާއިރު، ތަހުގީގުގެ ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ވެސް މައްސަލަތަކުގައި ފުލުހުން މައުލޫމާތު ހިއްސާކުރުމުގައި ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލާގައި ވެސް ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވޭ، އަޅުގަނޑުމެން ގަބޫލު ކުރަނީ އެންއައިސީގެ ގާނޫނުގެ ތެރެއިން ފުލުހުންނަށް އެންއައިސީއާ އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ސަބަބެއް ނެތް." ސުލައިމާން ވިދާޅުވި އެވެ.

އެންއައިސީއަށް ފުލުހުންގެ ފަރާތުން ގިނަ ލިއެކިއުންތައް ލިބިފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވުމުން، އެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައްސަލަ ފޮނުވައި އެކަން ބަލައި ދިނުމަށް ވަނީ އެދިފައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން