އައްޑޫސިޓީގެ މިސްކިތެއް؛ މާދަމާގެ މަޣުރިބު ނަމާދުން ފެށީގެން އައު އާންމު ހާލަތާއެއްގޮތަށް މިސްކިތުގައި ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފަ
އައްޑޫސިޓީގެ މިސްކިތެއް؛ މާދަމާގެ މަޣުރިބު ނަމާދުން ފެށީގެން އައު އާންމު ހާލަތާއެއްގޮތަށް މިސްކިތުގައި ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފަ
މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ މާދަމާގެ މަޣްރިބް ނަމާދުން ފެށިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ނެރުނު ސަރކިއުލަ އެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ ކަމަށެވެ. މިއާއެކު ކޯވިޑް-19އާ ގުޅިގެން ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތް އޮތުމަށް ނިމުމެއް އައިސް ރާއަޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރަން ފެށުނީއެވެ.

މާލެ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދުކުރަން މާދަމާ ފަށާއިރު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގާފައެވެ. އަދި ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެއެވެ. މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އިރިޝާދު ދީފައެވެ.

މާދަމާ ޖަމާޢަތުގައި ނަމާދުކުރަން ފަށާއިރު ސިޓީ ކައުންސިލުންވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުންފަދަ ކަންކަން ކައުންސިލުން ހަމަޖައްސަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މިސްކިތަށް ނަމާދަށްދާ އާންމުންވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ކަނޑައަޅާ އާންމުކޮށްފައެވެ. އެގޮތުން ނަމާދަށްދާއިރު މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި މާސްކު އެޅުމާއި މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތާ އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމާއި މިސްކިތުގަ ބަހައްޓާފައިހުންނަ ޚަތިމްތައް ބޭނުން ނުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުން މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެހެން ނަމަވެސް މެއި މަހުގެ 22 ވަނަ ދުވަހު ކޯވިޑް-19ގެ ނުރައްކާ ނެތް ރަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފައެވެ. މީގެއިތުރުން ފުރަބަންދަށް ލުއި ދިނުމަށްފަހު، މާލެ ސަރަހައްދުގައި ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން