މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށް އެ މެންބަރުންގެ ގެކޮޅުތައް ރެއިޑް ކުރަން (ބަލާ ފާސްކުރަން) ބައެއް ފުލުހުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ބިލެއްގެ މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ބައެއް މެންބަރުންނަށް އަމާޒުކޮށް ބައެއް ކަންކަން ކުރަން ފުލުހުންތަކެއް އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ގިނަ އިސްލާހުތަކެއް އަންނާނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ކުރާތީވެ، ފުލުހުންގެ އުސޫލުން ބޭރުން މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށްގެން ވަކި ބާވަތެއްގެ ކަމެއް ނުކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މި ދެންނެވި ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގެކޮޅަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް، މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެކޮޅަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހަށް އެދެން." މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގެއް ނެތް ބަޔެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފުލުހުންނަށް އާދައިގެ ޔުނީފޯމެއް ދިނުމަށް ވެސް މެމްބަރަކު ވަނީ ގޮވާލައްވާފައެވެ. ފުލުހުންގެ އަގު ވެެއްޓޭގޮތަށް މެމްބަރުން ދެއްކެވި ވާހަކަތަކާއި މެދު ރައީސް ސޯލިހް ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ފުލުހުންގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ވާހަކަ ދައްކަނީ އިސްލާހު ކުރުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން