ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުގައި ކުރިއަށް ނުގެންދާތީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުންތަކެއް ހައި ކޯޓަށް ވަޑައިގެން ކޯޓުގެ ރަޖިސްޓްރާ މަރިޔަމް އަފްޝާ އާ ބައްދަލުކުރަން އުޅުމުން އެކަމަށް ދެކޮޅު ހައްދަވައިފިއެވެ.

ހައި ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަަތާ ގުޅިގެން ރަޖިސްޓްރާއާ ބައްދަލު ކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް ރަޖިސްޓްރާއާ ބައްދަލެއް ނުކުރެވުނު ކަމަށާއި، އެ ކަން ކުރެވޭނީ މައްސަލައާ ގުޅުން ހުރި ވަކީލުންނަށް އެކަނި ކަން ހައިކޯޓުން އަންގާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހައި ކޯޓުގެ ރަޖިސްޓްރާ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަކީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ޖިނާއީ ދައުވާ ސާބިތުވުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އިސްތިއުނާފްކޮށްފައި އޮތް މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ޝަރީއަތް ފަށައިގެން މިހާރު ކުރިއަށްދާ އިރު، މައްސަލަ އިސްތިއުނާފް ކުރާ ފަރާތުން ކޯޓުގައި ދައްކަން ބޭނުންވާ އެންމެހައި ވާހަކަތަކާއި ހުށަހަޅަން ބޭނުންވާ އެންމެހައި ކަންތައްތައް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް ލިބިގެންވާ ކަމަށް ހައިކޯޓުގެ ސިޓީގައިވެއެވެ. އަދި މި މައްސަލައިގައި ހަސްމެއް ކަމަށް ނުހިމެނޭ ފަރާތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމަކީ ކޯޓުން އަމަލު ކުރާނެ އުސޫލެއް ނޫން ކަމަށް ވެސް އަފްޝާގެ ސިޓީގައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އައި ފަހުން މިހާތަނަށް ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޝަރީއަތެއް ތާވަލު ނުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ތެރޭގައި ވެސް ހައި ކޯޓުގައި އެހެން ޝަރީއަތްތަކެއް ބޭއްވި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ތާވަލު ކުރެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އަބްދުއްރަހީމް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން